ދިވެހި
سورة الشمس - عدد الآيات 15
وَٱلشَّمۡسِ وَضُحَىٰهَا ﰀ ﴿١﴾
އިރާއި، އޭގެ އަލިކަން ގަންދެއްވަމެވެ.
وَٱلۡقَمَرِ إِذَا تَلَىٰهَا ﰁ ﴿٢﴾
އަދި ހަނދު އޭގެ ފަހަތުންދާހިނދު ހަނދު، ގަންދެއްވަމެވެ.
وَٱلنَّهَارِ إِذَا جَلَّىٰهَا ﰂ ﴿٣﴾
އަދި ދުވާލު، އެ އިރު ފާޅުކޮށްފިހިނދު، އެ ދުވާލު ގަންދެއްވަމެވެ.
وَٱلَّيۡلِ إِذَا يَغۡشَىٰهَا ﰃ ﴿٤﴾
އަދި ރޭގަނޑު، އެ އިރު ނިވާކުރާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ.
وَٱلسَّمَآءِ وَمَا بَنَىٰهَا ﰄ ﴿٥﴾
އަދި އުޑާއި، އެ އުޑު ބިނާކުރެއްވި ކަލާނގެ ގަންދެއްވަމެވެ.
وَٱلۡأَرۡضِ وَمَا طَحَىٰهَا ﰅ ﴿٦﴾
އަދި ބިމާއި، އެ ބިން ފެތުރުއްވި ކަލާނގެ ގަންދެއްވަމެވެ.
وَنَفۡسٖ وَمَا سَوَّىٰهَا ﰆ ﴿٧﴾
އަދި نفس އާއި، އެ نفس ފުރިހަމަކުރެއްވި ކަލާނގެ ގަންދެއްވަމެވެ.
فَأَلۡهَمَهَا فُجُورَهَا وَتَقۡوَىٰهَا ﰇ ﴿٨﴾
ފަހެ، އެކަލާނގެ އެ نفس އަށް (ގެއްލުންހުރި) ނުބައިގޮތާއި (ފައިދާހުރި) ހެޔޮގޮތް އެނގުމުގެ ވިސްނުން ދެއްވިއެވެ.
قَدۡ أَفۡلَحَ مَن زَكَّىٰهَا ﰈ ﴿٩﴾
އެ نفس طاهر ކޮށްފިމީހާ، ކާމިޔާބުވެއްޖެކަން ކަށަވަރެވެ.
وَقَدۡ خَابَ مَن دَسَّىٰهَا ﰉ ﴿١٠﴾
އަދި އެ نفس އަށް އުނިކަން ދީފިމީހާ، ނާކާމިޔާބުވެއްޖެކަން ކަށަވަރެވެ.
كَذَّبَتۡ ثَمُودُ بِطَغۡوَىٰهَآ ﰊ ﴿١١﴾
ثمود ބާގައިމީހުން، އެއުރެންގެ އަނިޔާވެރިކަމުން (އެއުރެންގެ ނަބިއްޔާ) ދޮގުކުރޫއެވެ.
إِذِ ٱنۢبَعَثَ أَشۡقَىٰهَا ﰋ ﴿١٢﴾
އެއުރެންކުރެ އެންމެ އަބާއްޖަވެރިމީހާ (ޖަމަލު މެރުމަށް) އަވަސްވެގަތްހިނދެވެ.
فَقَالَ لَهُمۡ رَسُولُ ٱللَّهِ نَاقَةَ ٱللَّهِ وَسُقۡيَٰهَا ﰌ ﴿١٣﴾
ފަހެ، އެއުރެންނަށް اللَّه ގެ رسول އާ (އެބަހީ: صالح ގެފާނު) ވިދާޅުވިއެވެ. اللَّه ގެ ޖަމަލަށާއި، އޭގެ ބުއިމަށް ރައްކާތެރިވާށެވެ!
فَكَذَّبُوهُ فَعَقَرُوهَا فَدَمۡدَمَ عَلَيۡهِمۡ رَبُّهُم بِذَنۢبِهِمۡ فَسَوَّىٰهَا ﰍ ﴿١٤﴾
ފަހެ، އެއުރެން އެކަލޭގެފާނުގެ ބަސްފުޅު ދޮގުކުޅައޫއެވެ. ދެން އެއުރެން އެ ޖަމަލު މަރައިލޫއެވެ. ފަހެ، އެއުރެންގެ ފާފައިގެ ސަބަބުން އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންގެ މައްޗަށް عذاب ފޮނުއްވިއެވެ. އަދި އެއުރެން އެންމެން، އެ عذاب ގައި ހަމަހަމަ ކުރެއްވިއެވެ.
وَلَا يَخَافُ عُقۡبَٰهَا ﰎ ﴿١٥﴾
އަދި އެ عذاب ގެ ނަތީޖާއާމެދު، އެކަލާނގެ ބިރުވެތިވެވޮޑިގެނެއްނުވެއެވެ.